![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/7f/Blue_shark.jpg/640px-Blue_shark.jpg&w=640&q=50)
އަނދުން މިޔަރު
From Wikipedia, the free encyclopedia
އަނދުން މިޔަރު (އިނގިރޭސި ބަހުން: Prionace glauca)ނުވަތަ (އިނގިރޭސި ބަހުން: Blue shark)އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ގިނައިން އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މިޔަރެކެވެ. ނަމަވެސް މަދުމަދުން އެތެރެވަރީގެ ކަނޑުތަކަށް މިމިޔަރު އައިސްއުޅޭކަމަށް ވެއެވެ. މިއީ ހިމަތޮޅި ތުންދިގުކޮށް ހުންނަ މިޔަރެކެވެ. އަނދުން މިޔަރަކީ އާއްމު ގޮތެއްގައި މަޑުން ދަތުރުކޮށް އުޅޭ މިޔަރެއް ކަމަށްވިޔަސް ސިހޭފަދަ ކަމެއް ދިމާވުމުން އާދަޔާ ޚިލާފަށް ބާރަށް ދުވާކަމަށް ވެއެވެ. މިއީ އިންޑިޔާ ކަނޑުގެ ހޫނު ހިސާބުތަކާއި، ފިނި ކަނޑުތަކުގައި ގިނައިން އުޅޭ މިޔަރެކެވެ. މިސަރަހައްދުގައި މިބާވަތުގެ މިޔަރު އެންމެ ގިނައިން އުޅެނީ 220-80 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ސަބަބަކީ އަނދުން މިޔަރު އުޅެން ބޭނުންވާ ފިނިހޫނު މިނަކީ 16-7 ސެންޓިގްރޭޑްއާއި ދެމެދުކަމަށްވާތީ އެވެ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/7f/Blue_shark.jpg/640px-Blue_shark.jpg)
އަނދުން މިޔަރު ވިހާ ކޮންމެ ފަހަރަކު 135-4 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހާކަމަށް ވެއެވެ. މިބާވަތުގެ މިޔަރުގެ ކާނާއަކީ މަހާއި، ކުދި މިޔަރާއި، ބޯވަ ދިލަ މަހާއި، ކަނޑުގެ މަތީބައިގައި އުޅޭ ކަކުނި ފާނޑުގެ ސޫތްޕެވެ. މިބާވަތުގެ މިޔަރު ބައެއް ފަހަރު ކަނޑުމަތީގައި ޖައްސައިގެން ތިބޭ ދޫނިވެސް ކައިހަދާ ކަމަށްވެއެވެ. މިއީ ބައެއް ފަހަރު ކަނޑުފަޅު ފީނާ ހަދާމީހުންނަށް ހަމަލާދޭ މިޔަރެކެވެ.
އަނދުން މިޔަރު އެންމެ ބޮޑުވާ ކަމަށްވަނީ 3.8 މީޓަރަށެވެ. ނަމަވެސް ގިނައިން ފެނިފައި ހުންނަނީ 3.3 މީޓަރަށްވުރެ ކުދި މިޔަރެވެ. މިއީ މާކަނޑުގައި ލޭނުއަޅައިގެންކުރާ މަސްވެރިކަމުގައި ބޭނޭ މިޔަރެކެވެ. މިމިޔަރުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. ބަނޑު ދަށްފަރާތް ހުންނާނީ ފަނޑު ހުދުކުލައިގައެވެ.