![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/dv/thumb/3/3f/Psnas_u0.jpg/640px-Psnas_u0.jpg&w=640&q=50)
ހިމަފަތި ރޮނޑު
From Wikipedia, the free encyclopedia
ހިމަ ފަތިރޮނޑު (ސައިންޓިފިކް ނަން: Pseudalutarius nasicornis)ނުވަތަ (އިނގިރޭސި ބަހުން: Rhino filefish)އަކީ ރާއްޖޭގެ އެތެރެވަރީގެ ފުން ހިސާބުތަކުގައި އުޅޭ މަހެކެވެ. މިބާވަތުގެ މަސް އާންމުކޮށް އުޅެނީ 40 މީޓަރަށްވުރެ ފުން ސަރަހައްދު ތަކުގައި ކަމަށްވާތީ މޫދަށްއެރި އުޅޭ މީހުންނަށް މިބާވަތުގެ މަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. ވުމާއެކު މިއީ ރާއްޖޭގައި ގިނައިން އުޅޭކަމަށް ރިކޯޑް ކުރެވިފައިވެސް ނެތް މަހެކެވެ. މިބާވަތުގެ މަސް އާންމު ގޮތެއްގައި އެންމެ ބޮޑުވަނީ 18 ސެންޓި މީޓަރަށް ކަމަށް ވިޔަސް ގިނައިން ފެންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ 12 ސެންޓި މީޓަރެވެ.
![Thumb image](http://upload.wikimedia.org/wikipedia/dv/thumb/3/3f/Psnas_u0.jpg/320px-Psnas_u0.jpg)
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރު ކައްޓާއި، 43 އާއި، 50 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.މަހުގެ ބުރަކަށިމަތީ ފުރަތަމަ ހަރުކަށި ފަޅާފައި ހުންނަނީ މަހުގެ ބޯމަތިން ލޮލަށްވުރެ ކުރިންނެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 41 އާއި، 46 އާއި ދެެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ހަށިގަނޑު ބޮޑުވި ބޮޑުވިހެން ފަތާވަމުން ދެއެވެ. މަހުގެ އާންމު ކުލައަކީ މުށިއަޅި ކުލައެވެ. މަހުގެ ނިގޫފަތުގެ ކުލައަކީ ގަދަމުށި ކުލައެވެ. މަހުގައި ރީނދޫ ކުލައިގެ ކުދިކުދި ތިކިތަކެއް ހުރެއެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މަހުގެ އާއްމު ސިފަޔަށް ވިސްނާ ހިމަ ފަތިރޮނޑު ކިޔާފައިވަނީ އެވެ.