![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a6/Dharavandhoo_Aerial_View.jpg/640px-Dharavandhoo_Aerial_View.jpg&w=640&q=50)
ދަރަވަންދޫ (ބ. އަތޮޅު)
ދިވެހިރާއްޖޭގެ ރަށެއް / From Wikipedia, the free encyclopedia
މި ރަށަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން ހަތަރު ވަނަޔަށް އެންމެ ބޮޑު ރަށެކެވެ. ދަރަވަންދޫ އަކީ ބ.އަތޮޅުގައި އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރި ރަށެވެ. ދަރަވަންދޫއން އަތޮޅުވެރިކަން ބަދަލު ކުރީ 4 ޖޫން 1962 ވަނަ އަހަރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި އޭދަފުއްޓަށެވެ. ދަރަވަންދޫ އޮންނަނީ އަތޮޅުގެ މެދުތެރޭގައި އިރުން ހުޅަގަށް ހަނި ދިގުކޮށް އޮންނަ ރަށެއްގެ ގޮތުގައެވެ. ދަރަވަންދޫއަށް ލަފާފުރުމަށް ބޭނުން ކުރާ ބަދަރު އޮންނަނީ ރަށުގެ އިރު އުތުރު ކަނާއި ދިމާލުގައެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ވަރަށް ރީތި ރަށެކެވެ. ދަރަވަންދޫއަކީ މަލަމަތި އެއްވަރު ރަށުގެ މެދުން ބޮޑު ނިކަގަހެއް ހުންނަ ރަށެކެވެ. ދަރަވަންދޫ އަކީ ރައްގިރުމުގެ މައްސަލަ ދިމާވެފައި އޮންނަ ރަށެކެވެ.
Dharavandhoo ދަރަވަންދޫ | |
---|---|
Inhabited island | |
![]() | |
Coordinates: 05°09′30″N 73°07′50″E | |
ޤައުމު | ދިވެހިރާއްޖެ |
Administrative atoll | Baa Atoll (South Maalhos Madulu) |
މާލެއާއި ހުރި ދުރުމިން | 116.30 km (72.27 mi) |
Area | |
• Total | 0.4550 km2 (0.1757 sq mi) |
Dimensions | |
• ދިގުމިން | 1.330 km (0.826 mi) |
• ފުޅާމިން | 0.480 km (0.298 mi) |
Population | |
• Total | 2,150 |
• Density | 4,700/km2 (12,000/sq mi) |
Time zone | MST (UTC+05:00) |
ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދައްވުރެ ބޮޑީ މީހުން ދިރި ނޫޅޭ ވަލުގެ ސަރަހައްދެވެ.ދަރަވަންދޫގެ އެންމެ ބޮޑުމަގަކީ ދިގުމަގެވެ. އަދި އެމަގައް ބޮޑުމަގު އޭވެސް އެރަށުގެ މީހުން ކިޔައެވެ. އަދި ދަރަވަންދޫގެ މަގުތަކަކީ ޕްލޭން ކުރެވިގެން ހެދިފައިވާ މަގުތަކެކެވެ. 1950ގެ ތެރޭގައި މަލިން ދޮހުއްތުގެ އަތޮޅުވެރިކަމުގައި ދަރަވަންދޫގެ މަގުތައް ކޮށާ މަގުތަކަށް އަރާ ގެތައް ބަދަލުކޮށް މަގުތައް ސީދާކުރިއެވެ. ދަރަވަންދޫގައި އޮންނަ މަގުތަކުގެ ތެރެއިން ކުރިން ފެށިގެން މަޝްހޫރު މަގުތަކަކީ މަލަންމަގު، ބަނޑަހަމާމަގު، ހުވަދުމާމަގު، ދޭލިޔާމަގު، ކޯރުކެނޑިމަގު، ވަށާހިގާމަގު (ވަލުތެރޭގެ މަގެއް)އެވެ. ފަހުގެ މަގުތަކުގެ ތެރެއިން އާބާދުމަގު،އަމީނީމަގު ހިމެނެއެވެ.
ދަރަވަންދޫގައި އޮންނަ އާސާރީ ތަނެއް ކަމުގައި ތަރާގަނޑެއްގެ ވާހަކައަކީ އެރަށުގެ މީހުންތައްކާ ވާހަކައެކެވެ.. ފަހުން އެތަނުގައި އެރަށުގެ މީހުން ހަދާފައިވަނީ އިންޖީނުގެއެވެ. އެރަށުގައި ހުންނަ ބިބީ ޒިޔާރަތަކީ އެރަށުގެ މީހުންނަށް ވެސް އޭގެ ހަގީގަތް ނޭގޭ ޒިޔާރަތެކެވެ. އެތަނަކީ ނާމާން ތަނެއްގެ ގޮތުގައި ކުރިން އެރަށުގެ މީހުން ކިޔާއުޅެއެވެ. ދަރަވަންދޫގައި އޮންނަ ބޯފޮޅިކޭ އައިނުގަނޑަކީ އެރަށުގެ މީހުން ފުރޭތަ އަރާތަނެއްކަމުގައި ބަލައިގެން ކުރީ ޒަމާނުން ސުރެ އުޅުނު ތަނެކެވެ. އެއް ފަހަރަކު ދަރަވަންދޫއަށް ފުރޭތަ އަރައިގެން އެރަށުގެ މުދިން ކަލޭފާނު މަސްހޫރުނަމުންނަމަ މާމުދިން އަލިފުޅު އެފުރޭތަޔާއި ދިމާކޮށް ކިވެލި ކިޔަވާ އަދި މަސްދަތް ފިޔޮހިޖަހާ ފުރޭތަ މައިތިރި ކުރި ވާހަކައެއް އެރަށުގެ މުސްކުޅިވެރިން ކިޔާއުޅެއެވެ. މާމުދިން އަލިފުޅަކީ މުޅިރާއްޖެއަށް މަޝްހޫރު ޅެންވެރިޔާ ދަރަވަންދޫ ޔޫސުފް އަލިފުޅުގެ ބައްޕަކަމުގައި ބުނެއުޅެއެވެ.
ދަރަވަންދޫ އަކީ ފެންމީރު އަދި ފެންތިލަ ރަށެކެވެ. ކޮންމެވެސް ވަރަކަށް ދަނޑު ގޮވާން ކޮށްލެވޭ ވަރަށް ބިންގަޑު ރަގަޅު ކަމުގައި ފާހަގަ ކުރެވެއެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ދަރަވަންދޫގައެވެ. ދަރަވަންދޫގައި އެގްރިކަލްޗަރ މިނިސްޓްރީން ނާސަރީއެއް އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ހިންގިއެވެ. ދަރަވަންދޫގައި ކާށި މުޑުވައް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ރާއްޖޭގައި ފުރަތަމަފަހަރަށް މެލޭޝިޔާކާށިގެ މުޑުވައް އާލާކުރި ރަށަކީ ދަރަވަންދޫއެވެ.
ދަރަވަންދުގައި ރަސްމީ ތައުލީމު ދިނުމުގެ ނިޒާމެއް ފެށުނީ 1979 ވަނަ އަހަރު ދަރަވަންދޫގައި އިފްތިތާހުކުރެވުނު ދަރަވަންދޫ ޕްރައިމަރީ ސުކޫލެވެ. އެސުކޫލް ބ.އަތޮޅު ޕްރައިމަރީ ސުކޫލްގެ ނަމަށް ބަދަލުވެ އަދި 80ގެ ކުރީކޮޅު ބ.އަތޮޅުގައި ޖަޕާނުމިހުން އަޅާދިން ސުކޫލް ދަރަވަންދޫގައި އެޅުމަށްފަހު އެތަން ބ.އަތޮޅު މަދުރަސާގެ ނަމަށް ބަދަލުވިއެވެ. މިއަދު ބ.އަތޮޅުމަދުރަސާއިން ގްރޭޑް 10 ކިޔަވާދެއެވެ. ދަރަވަންދޫ ގައި ސިއްހީ ހިދުމަތްދޭ ތަނެއް ހެލްތް ޕޯސްޓުގެ ނަމުގައި ހަދާ ހިދުމަތް ދޭން ފަށާފައިވަނީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. ދަރަވަންދޫގައި ރަށު އޮފީހާއި ކޯޓް ހަދާފައި ހުންނަނީ ކުރިން އަތޮޅުވެރިކަން ކުރި އިރު އަތޮޅުގޭގެ ގޮތުގައި ބޭނުންކުރި އަތޮޅުގޭގެ އިމާރާތުގައެވެ. ދަރަވަންދޫގައި ސުނާމީގެ ފަހުން ފެންޕްލާންޓެއް ބަހައްޓާފައި ހުރެއެވެ.