އުރަމަތީގެ ކެންސަރު
From Wikipedia, the free encyclopedia
އުރަމަތީގެ ކެންސަރު(އިނގިރޭސި ބަހުން: Breast Cancer) އަކީ ކެންސަރުގެ ވަރަށް އާންމު ވައްތަރެކެވެ. އަންހެނުންގެ އުމުރުން ދުވަސްވުމަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. އަދި ހަމައެފަދައިން އުމުރުން 30 އަހަރުނުވާ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑައެވެ. އުރަމަތި އަކީ އެގުނަވަނެއްގެ ތެރޭގައި މަސްހުންނަ ގުނަވަނެއް ނޫނެވެ. ނަމަވެސް އުރަމަތީގެ ބޭރުން މޭކަށިގަނޑާ ވީ ފަރާތުގައި ކޮންމެވެސް ވަރަކަށް މަސް ހުރެއެވެ. މައިގަނޑު ގޮތެއްގައި އުރަމަތީގައި އެކުލެވިފައިވަނީ ލިމްފް ދަތުރުކުރާ ހޮޅިތަކާއި، ލޭދަތުރުކުރާ ހޮޅިތަކެވެ. އުރަމަތީގައިވާ ލިމްފް ދަތުރުކުރާ ގިނަ ހޮޅިތައް ގުޅިފައިވަނީ ކިހިލި ފަތްދޮށާއި، މެޔާއި، ކަލަރު ކަށިގަނޑުގެ މަތީގައިވާ ލިމްފް ގްލޭންޑްތަކާ އެވެ. ނަމަވެސް މީގެތެރެއިން ބައެއް ހޮޅިތައް ހަށިގަނޑުގެ އެހެން ހިސާބުތަކުގައިވާ ލިމްފް ގްލޭންޑްތަކާ ވެސް ގުޅިފައި ވެއެވެ. އުރަމަތީގެ ކެންސަރު ކިރު ދަތުރުކުރާ ހޮޅިތަކަށާއި، ކިރު އުފައްދައިދޭ ގޮބު ނުވަތަ ލޯބްތަކަށް ޖެހެއެވެ. ކިރުދަތުރުކުރާ ހޮޅިތަކަށް ކެންސަރު ޖެހުމަށް ކިޔަނީ ޑަކްޓައިލް ކާސިނޯމާ އެވެ. ކިރު އުފައްދައިދޭ ލޯބުތަކަށް ކެންސަރު ޖެހުމަށް ކިޔަނީ ލޮބިޔުލަރ ކާސިނޯމާ އެވެ.
އުރަމައްޗަށް ކެންސަރު ޖެހި އެކަމުގެ އަސަރު ބޭރަށް އެނގޭ ހިސާބަށް ދާއިރު ގިނަފަހަރަށް ހުންނަނީ ކިހިލިފަތުގައި ހުންނަ، ލިންފް ނޮޑިޔުލްސް ތަކަށް ކެންސަރު ސެލްތައް ދަތުރުކޮށްފައެވެ. އެހެންކަމުން މިގޮތަށް ކިހިލިފަތުގައިވާ ލިމްފް ނޮޑިޔުލްސްތަކުން ކެންސަރު ސެލް ފެނިއްޖެނަމަ އެއީ ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް ކެންސަރ ސެލް ދަތުރުކޮށްފައިވާ ކަމުގެ ހެއްކެކެވެ. ކެންސަރ ސެލް މިގޮތަށް ދަތުރުކޮށްފައި ހުންނަ އެންމެ އާންމު ތަންތަނަކީ ކަށި، ފުރަމޭ، ފުއްޕާމޭ، އެވެ. މިއީ ހަށިގަނޑުގެ އެންމެ ގިނައިން ލޭދައުރުވާ ގުނަވަންތަކެވެ.