From Wikipedia, the free encyclopedia
ޤުރުއާނަކީ އިސްލާމީ ދުސްތޫރެވެ. މުސްލިމުން ގާތުގައި އެންމެ ޤަދަރު ދެވިގެންވާ ފޮތެވެ.
"އެއީ ކީރިތި ރަސޫލާ ﷺ މައްޗަށް ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއްކަމުގައި ލައްވާފައިވާ އެކަލާނގެ ކަލާމްފުޅެވެ. އެ ފޮތް އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ތަވާތުރުގެ މަގުންނެވެ."[1] އަދި އެ ޤުރުއާން ވަނީ ކީރިތި ރަސޫލާ ﷺ ގެ ރިސާލަތުގެ ތެދުކަން ހާމަކޮށްދޭ މުޢުޖިޒާތެއް ކަމުގައި ވެސްމެއެވެ.
އަލްޢައްލާމާ ނާޞިރް އައްސިޢުދީ ވިދާޅުވިއެވެ.
އަހަރެމެން ބުނަނީ، ޤުރުއާނަކީ، ﷲ ބާވައިލެއްވި، އެކަލާނގެ ކަލާމްފުޅެވެ. އެއީ މަޚްލޫޤެއް ނޫނެވެ. ޤުރުއާން އައީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ޤުރުއާން (ފަހުޒަމާނުގައި) އެނބުރި ދިއުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ.[ނޯޓު 1] ޤުރްއާނުގެ ލަފްޡުތަކާއި އޭގެ މާނަޔާއެކު އެބަސްފުޅުތަކުން ޙައްޤުގޮތުގައި ބަސްވަޙީކުރެއްވީ ﷲ އެވެ. އެކަލާނގެ އެދިވޮޑިގެންފި ހިނދަކު އެދިވޮޑިގަތް ބަސްފުޅުތަކުން ބަސްވަޙީކުރެއްވުމުގައި އެކަލާނގެ ދެމިވޮޑިގެން ވެއެވެ. އަދި ވާނޭމެއެވެ. އަދި އެކަލާނގެ ބަސްފުޅުތަކަކީ އެ ހުސްވުމެއް ނުވާ އެއަށް ނިމުމެއް ނުވާ ބަސްފުޅުތަކެކެވެ.[2]
(ޤުރުއާނުން ނެގޭ ދަލީލު ޙުއްޖަތަކަށް ނުވަތަ ދަލީލަކަށް ވާގޮތް) ޖިބުރީލު ގެފާނު މެދުވެރިކުރައްވައި އެ ޤުރުއާނު ބާވައިލެއްވީ ޢަރަބި ބަހުންނެވެ. އަދި މިފަދަ ޤުރުއާނެއް ގެނައުމަށް ވަނީ، ޢަރަބީންނަށް ގޮންޖައްސަވާފައެވެ. އެމީހުންނަކީ ބަޔާނާއި ބަލާޣަތާއި ފަޞާޙަތުގެ އަހުލުވެރީން ކަމުގައިވާ ޙާލުވެސް އެމީހުންވަނީ މިކަމަށް ނުކުޅޭދޭކަން ހާމަ ވެފައެވެ. ހަމަ އެއާއެކު މުޅި އިންސާނީ އުއްމަތަށާއި ޖިންނީންނަށް ވެސް ވަނީ ގޮންޖައްސަވާފައެވެ. އަދި މިއަދާއި ހަމަޔަށްވެސް (15 ޤަރުނު ވީއިރުވެސް) އެ ކަން އޮތީ ހަމަ އެހެނެވެ. މިހެން ކަމުން މިއީ ޤުރުއާނަކީ ދަލީލެއް ކަމުގެ ހުއްޖަތެކެވެ.
|
ކީރިތި ޤުރުއާނުގައި، ޙުކުމްތަކާ ގުޅޭ ބައެއް އާޔަތްތައް (ނަމާދާއި ޒަކާތާއި ރޯދަ ފަރުޟުކުރެއްވި އާޔަތްތަކާއި ވާރިޘުންނަށް ލިބޭ މިންވަރު ބަޔާންކޮށްދީފައިވާ އާޔަތްތަކާއި ތަރިކަމުދާ ބެހުމާ ގުޅޭ އާޔަތްތަކާއި، ޒިނޭއާއި ޤަޒުފާއި ޔަތީމުންގެ މުދާކެއުމާއި ޙައްޤަކާ ނުލައި މީހަކު މެރުން ޙަރާމުކުރެއްވި އާޔަތްތައް ފަދަ އާޔަތްތައް) އައިސްފައި ވަނީ އެއިން އިތުރު މާނައެއް ނުނެގޭ ފަދަ ޤަޠްޢީ (ކަނޑައެޅިގެން ބަޔާންވާ) ގޮތެއްގައެވެ.
ނަމަވެސް ޤުރުއާނުގެ ޙުކުމްތަކާ ގުޅޭ، ގިނަ އާޔަތްތަކުގައިވާ ޙުކުމްތަކަކީ އޭގެ މުރާދު ކަނޑައެޅިގެން ދޭހަނުވާ ޙުކުމްތަކެވެ. ނުވަތަ އެއްމާނަޔަށްވުރެ ގިނަ މާނަ ދޭހަވާ ޙުކުމްތަކެވެ. މުޖުތަހިދުން ބަޙުޘު ކޮށް ހޯދައިގެން ވަކި ގޮތެއް ނެރެންޖެހޭ ޙުކުމްތަކެވެ. މިސާލަކަށް ވުޟޫކުރާއިރު ބޮލުގައި ފެންފުހެންޖެހޭ ވަރު ކަނޑައެޅުމެވެ. އަދި އަންހެނާގެ ޢިއްދައްކީ ކޮބައިކަން ބަޔާންކުރުމެވެ.
ފުރަތަމަ ދެންނެވުނު ޤަޠްޢީ ހުކުމްތަކަކީ ކޮންމެ އިންސާނެއްގެ މައްޗަށް ކަނޑައެޅިގެން ވާޖިބު، އެއަށް ތަބާވާން ޖެހޭ، އަދި އެއާއި ދެކޮޅު ހަދައިފިނަމަ މިއްލަތުން ބޭރުވާނެ ޙުކުމްތަކެވެ. ނަމަވެސް މިއާޚިލާފަށް ދެވަނަ ވައްތަރުކަމުގައި ވާ، ޡަންނީ ޙުކުމްތަކަކީ އޭގައި ދަންނަބޭކަލުންގެ ވިސްނުންފުޅު ތަފާތުވެފައިވާ ޙުކުމްތަކެވެ. އަދި ވަކިމީހެއްގެ ވިސްނުން އަނެކާއާއި ތަފާތުވުމަކީ އަނެކާގެ ޚިޔާލު ދޮގުކޮށް ބާޠިލްކުރެވޭނެ ކަމެއްނޫނެވެ. އެއްވެސްމީހަކަށް އަނެކެއްގެ ވިސްނުމަކީ ގޯސް ބާޠީލު ވިސްނުމެކޭ ނުބުނެވޭނެއެވެ. އެއީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ވިސްނުންފުޅު ބިނާކުރައްވަނީ ޝަރުޢީ ދަލީލު ތަކުގެ އަލީގައި ކަމަށްވާތީއެވެ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.