ކަށިތަކުގެ ނިޒާމް
From Wikipedia, the free encyclopedia
އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ކަށިގަނޑު ބިނާވެގެންވަނީ ގުޅިފައިވާ ކަށިތަކާއި، ވަކިވަކި ކަށިތަކުގެ މައްޗަށެވެ. މިކަށިތައް އެކަތި އަނެކައްޗާއި ގުޅުވައިދީ، ހިފަހައްޓައިދީ، ބާރުގަދަ ކޮށްދެނީ ލިގަމެންޓް ތަކާއި، ޓެންޑަންތައް، އަދި މަސްތަކާއި، މަޑު ކަށިތަކުގެ އެހީގައެވެ.
ލިގަމެންޓް ނުވަތަ (އިނގިރޭސި ބަހުން: Ligament) އަކީ އެއްކަށިގަނޑާއި އަނެއް ކަށިގަނޑު ގުޅުވައިދީ، ހުޅުތައް ދުރުވިޔަ ނުދީ ބާރުގަދަ ކުރުމަށް ހުންނަ އެއްސުން ތަކެކެވެ. ޓެންޑަން ނުވަތަ (އިނގިރޭސި ބަހުން: Tendon) އަކީ މަސްތަކާއި ކަށިތައް ގުޅުވައިދޭ ބައެެވެ. ހުދު ކުލައަކަށް ހުންނަ މިބަޔަކީ ފައިބަރަސް ކަނެކްޓިވް ޓިޝޫ އިން އުފެދިފައި ހުންނަ އެއްޗެކެވެ. އުސޫލަކުން ބަލާއިރު ޓެންޑަން އަދި ލިގަމެެންޓްތަކަކީ ވަރަށް އެއްގޮތް އެއްޗެކެވެ. މަސްތަކާއި ޓެންޑަންތައް ގުޅިގެން މަަސައްކަތް ކުރާއިރު ލިގަމެންޓްތަކާއި ހުޅުތައް އަދި ކަށިތައް ވެސް މަސައްކަތްކުރަނީ ގުޅިގެންނެވެ. ކާޓިލޭޖް ނުވަތަ (އިނގިރޭސި ބަހުން: Cartilage) އަކީ މަޑު ކައްޓެވެ. މަޑު ކަށި ހިމެނޭ ހިސާބު ތަކުގެ ތެރޭގައި ދެހުޅު ދޭތެރެ، މައިބަދައިގެ ދެކަށިކޮޅު ދޭތެރެ، ކަންފަތް، ނޭފަތް އަދި ވައި ނޮޅި ފަދަ ތަންތަން ހިމެނެއެވެ.
ގުޅިފައިވާ ކަށިތަކުގެ ތެރޭގައި ބޮލުގެ ނާށިގަނޑު އަދި ޅިނދު ކަށިގަނޑު ހިމެނެއެވެ. ބޮޑެތި ކަށިތަކުގެ ތެރޭގައި ކަށީ މަދު ހުރެއެވެ. ލޭގެ ސެލްތައް އުފެދެނީ ކަށީގެ މަދުގެ ތެރޭގައެވެ. ކަށިތައް ފުރަތަމަ ހުންނަނީ މަޑުކަށި ނުވަތަ ކާރޓިލޭޖްގެ ގޮތުގައެވެ. އެއަށްފަހު ދުވަސްވަމުންދާ ވަރަކަށް މަޑުމަޑުން ކަށީގެ ތެރެއަށް ކެލްސިއަމް ފޭދެމުން ފޭދެމުން ގޮސް ކައްޓަށް ބަދަލުވެގެން ދެއެވެ.
ތުއްތު ދަރިފުޅު އުފަންވާއިރު ގާތްގަނޑަކަށް 300 ކަށިކޮޅު ހުރެއެވެ. ނަމަވެސް ބޮޑުވަމުން އަންނަވަރަކަށް އެއް ކަށިކޮޅު އަނެއް ކަށިކޮޅާއި ގުޅެމުން ގޮސް ބޮޑުވެ ފުރިހަމަވާއިރު ހުންނަނީ 206 ކަށި ކޮޅެވެ. މިގޮތުން ކަށިކޮޅު ހުންނަވަރު ކޮންމެވެސް މިންވަރަކަށް އެކަކު އަނެކަކާއި ތަފާތު ވެދާނެއެވެ. ބައެއް މީހުންގެ 208 ކަށިކޮޅު ހުންނަކަމަށް ވެސް ވެއެވެ.
މައިބަދައިގެ އެންމެ ތިރީގައި އިންނަ މައި ކަށިގަނޑަށް ކިޔަނީ ސެކްރަމް ނުވަތަ (އިނގިރޭސި ބަހުން: Sacrum) އެވެ. މިކަށިގަނޑުގެ ނިމޭކޮޅު އިންނަ ކުޑަކަށިކޮޅަށް ކިޔަނީ ޅިނދު ކަށިކޮޅު ނުވަތަ (އިނގިރޭސި ބަހުން: Coccyx) އެވެ. އާއްމު ގޮތެއްގައި ގިނަކަށިތައް ގުޅި ލާމެހިދަނީ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ.
ހަށިގަނޑުގައިވާ އެންމެ ދިގު އަދި އެންމެ ބަރު ކަށިގަނޑަކީ ފަލަމަސް ކަށިގަނޑު ނުވަތަ (އިނގިރޭސި ބަހުން: Femur) އެވެ. އެންމެ ކުޑަ ކަށިގަނޑަކީ ސްޓިރަޕް(Stirrup) އެވެ. މިއީ މެދުތެރޭ ކަންފަތުގައިވާ ކަށިކޮޅެކެވެ.